އަނެކާ އަށްޓަކައި އުފާ ކުރަން ދަސްކުރާށެވެ.
ޝަހާދަތުގެ ދެކަލިމައިގެ ހިދާޔަތު ލިބުމަށްފަހު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެހާ ކަންތައްތަކުގެ ތެރޭގައި މި އެއްކައުވަންތަ ކަމުގެ ޝިއާރު ހަގީގީ މާނައިގައި އުފުލެން، ފެންނަން ޖެހެއެވެ. ހެއްދެވި ފަރާތަށް އަދާކުރަން ޖެހޭ ހައްގުތަކާއި އެކު އެއް އިންސާނާ އަނެއް އިންސާނާޔަށްޓަކައި އަދާކުރަން ޖެހޭ ހައްގުތަކަށް ވެސް ރައްކާތެރިވާން އެބަ ދަސްކުރަން ޖެހެއެވެ. އިހްސާންތެރިވާންށެވެ. ހަސަދަވެރިކަމުގެ އަލިފާން އޯގާތެރިކަމުގެ ލޯތަކަކުން ނިއްވާލާށެވެ.
އަޅުގަނޑުމެން ބުނަމުއެވެ. "ތިބާގެ އަމިއްލަނަފްސަށް ހެޔޮގޮތް އެދޭ ފަދައިން ތިބާގެ އަޚާއަށް ހެޔޮގޮތް ވުމަށް އެދޭށެވެ". ކޮންފަދަ ރިވެތި ބަސްކޮޅެއްތޯެވެ! އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރެއިން އިވެން ބޭނުން ނުވާ އަޑުތަކާއި، ފެންނަން ބޭނުންނުވާ މަންޒަރުތަކުގެ ހައްލު މި ސާފު ސީދާ ބަސްކޮޅުން އެބަ ބަޔާންކޮށް ނުދޭތޯެއެވެ.
ދުނިޔޭގެ ހަޔާތް ވޭތުކުރަމުން މިދާ ދިއުމުގައި އެކި އިންސާނުންނަށް ލިބޭ ނިއުމަތްތައް ތަފާތު ކަން އެބަ ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ބައެއް މީހުންނަށް ދުނިޔޭގެ ތަނަވަސްކަމެވެ. އަނެއްބައި މީހުންނަށް ބުރުސޫރައިގެ ރިވެތި ކަމެވެ. ދަސްކުރަންވި ކަމަކީ ތިމާގެ އަމިއްލަ ދިރިއުޅުމުގައި ހުރި ނިއުަމަތްތަކަށް އުފާކުރާށެވެ. އެކަންތަކަށް ހެއްދެވި ފަރާތަށް ހާސް ފަށުން ޝުކުރުވެރިވާށެވެ.
ކޮންމެ މީހެއްގެ ހަޔާތުންވެސް އަޅުގަނޑުމެންނަށް ފެންނާނީ އެމީހަކު ދައްކަން ބޭނުންވާ މިންވަރަކުން އެ ދެއްކި މަންޒަރެކެވެ. އެއީ އެކަންތައްތައް އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާ ގުޅުވާ، އެކަންތަކާ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ނޫނެވެ. އަޅުގަނޑުމެން ދަސްކުރަންވީ އަދި ދަސްކޮށްދޭންވެސް ޖެހެނީ އަމިއްލަ ހަޔާތް ބާއްޖަވެރިކުރަން އަމިއްލަ ނަފްސުގެ ބާރު ފޯރުވޭ ކަންތައްތަކުން ކުރިއަރާ ދިއުމަށެވެ. އެއްވެސް އެހެން އިންސާނަކަށް ލިބޭ ކާމިޔާބަކުން ތިމާއަށް ލިބެން އޮތް ކާމިޔާބަކަށް ޒައްރެއްގެ މިންވަރުވެސް ހިޔަންޏެއް ނޭޅޭނެ ކަމެވެ. އީމާންކަން ވަރުގަދަ ކުރަންވީ ގަޟާގަދަރުގެ މައްޗަށެވެ. ހިފަހައްޓަންވީ ގަދަހިއްވަރާއި އަޒުމުގައެވެ. ދޫނުކުރަންވީ ގަދައަޅާ މަސައްކަތް ކުރުމެވެ. އުފާކުރަންވީ ތިބާ ފަދަ އަނެކާ އަށްވެސް ހިނިތުންވުމާއި އުފާވެރިކަން މިންވަރު ކުރެއްވީތީއެވެ.
Comments
Post a Comment